މަލާބާރީންނާއި ކަނޑުފޭރޭ މީހުންގެ މައި މަރުކަޒަކަށްވި ދޮނަކުޅި، ފޮރުވިފައިވާ ތާރީހީ މުތެއް!
ދަޕްރެސް
18 މާރިޗު 2026 | ބުދަ | 2:00
ހއ. އަތޮޅުގެ ރީތި ފަޅެއްގެ ތެރޭގައި އޮންނަ ދޮނަކުޅިއަކީ މިއަދު ފަތުރުވެރިކަމުގެ ސުވަރުގެއެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް އެ ރަށުގެ ފަސްގަނޑުގެ ދަށުގައި ވަނީ ދިވެހި ތާރީހުގެ ނުހަނު މުހިންމު އަދި އެހާމެ ހިތްދަތި ހާދިސާތަކެއް ފޮރުވިފައެވެ. މި ރަށަކީ އިހުޒަމާނުގައި ދިވެހިން އާބާދުވެ އުފާވެރި ދިރިއުޅުމެއް ބިނާކޮށްފައިވާ ރަށެއްކަން އެ ރަށުން ފެންނަން ހުރި އާސާރީ ނިޝާންތަކުންނާއި ކާބަފައިންގެ ދުލުން ކިޔައިދީފައިވާ ވާހަކަތަކުން ސާބިތުވެއެވެ.
ދޮނަކުޅިން ފެންނަން ހުރި އެންމެ ފާހަގަކޮށްލެވޭ އާސާރީ ބިނާއަކީ، އެ ރަށުގައި އިހުގައި ހުރި މިސްކިތެއްގެ ތަރާގަނޑެވެ. މި ތަނަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެ ގާގަނޑުތަކެއްގެ ސިފައިގައި އޮތް ތަނެއް ނަމަވެސް އޭގެ ބޮޑުމިނާއި ބިނާކޮށްފައިވާ ގޮތުން އެއީ އޭރުގެ މީހުން އަޅުކަންކޮށް އުޅުނު މުހިންމު ބިނާއެއްކަން އެނގެއެވެ.
މި ތަރާގަނޑުގެ ދިގުމިނުގައި 22 ފޫޓް 11 އިންޗި ހުރިއިރު، ފުޅާމިނުގައި 7 ފޫޓް 11 އިންޗި ހުރެއެވެ. ރާއްޖޭގެ ތާރީހުގެ މާހިރު އަދި ގިނަ ދިރާސާތަކެއް ކުރައްވާފައިވާ އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީ ވިދާޅުވާ ގޮތުގައި މި ބިނާއަކީ ހއ. ދައްޕަރުން ފެނުނު އާސާރީ މިސްކިތުގެ ތަރާގަނޑާ ވަރަށް އެއްގޮތް ބިނާއެކެވެ. މި ތަނުގެ ކައިރީގައި ދުވަސްވީ ގަބުރުސްތާނެއް އޮތުމަކީ މި ރަށަކީ ވަރުގަދަ އާބާދީއެއް ދިރިއުޅުނު ރަށެއްކަން ހާމަކޮށްދޭ އެންމެ ބޮޑު އެއް ހެއްކެވެ.