ހިރިމަރަދޫ މީހުންނަށް ބިން ދޫކުރުން ހުއްޓުވަން ހަނިމާދޫ ކައުންސިލުން ފުލުހަށް!
ދަޕްރެސް
17 މާރިޗު 2026 | އަންގާރަ | 11:26
ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް އެ ރަށުން ބިން ދޫކުރުމުގެ ކަންކަން ހުއްޓުވުމަށް ހަނިމާދޫ ކައުންސިލުން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށުގައި ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް މި ސަރުކާރުން ނިންމައި އަމަލީ މަސައްކަތްތައް ކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ.
އެގޮތުން މިދިޔަ ހަފުތާގައި ހަނިމާދޫ ބަޔަކު ވަނީ އެ ރަށުގައި މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ. އެ މީހުން ގޮވާލީ ހަނިމާދޫ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއް ގޮތަށް އެ ބިމުން 600 ގޯތި ކަންތައް ހަމަޖެއްސުމަށް ފަހު ނޫނީ އެހެން ބަޔަކަށް ގޯތި ނުދެވޭނެ ކަމަށެވެ.