ޕާކިސްތާން، ތި ހީކުރާވަރަށްވުރެ މުއްސަނދި ސަގާފަތަކާއި ރީތި އެތައް ބިނާއެއް އެކުލެވޭ މަންޒިލެއް
ދަޕްރެސް
20 މާރިޗު 2026 | ހުކުރު | 10:00
މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
އެގޮތުން މިއަދު މި ގެނެސްދެނީ ދެކުނު އޭޝިއާގައި އޮންނަ ގައުމެއް ކަމަށްވާ ޕާކިސްތާނަށެވެ. އިންޑިއާ، ޗައިނާ، އަފްޣާނިސްތާން އަދި އީރާނާ ބޯޑަރު ހިއްސާކުރާ މި ގައުމު އުފެދުނީ 1947 ވަނަ އަހަރު ބްރިޓިޝް އިންޑިއާ ބައިބައިވުމަށް ފަހުއެވެ.އެ ގައުމުގެ އެންމެ ބޮޑު ސިޓީ އަދި އިގްތިސާދީ މައި ސިޓީއަކީ ކަރާޗީއެވެ.
ޕާކިސްތާނަކީ މުއްސަނދި ސަގާފަތާއި ތާރީހާއި ގުދުރަތީ ރީތިކަމުގެ ސަބަބުން މަޝްހޫރުވެފައިވާ ގައުމެކެވެ. ފަރުބަދަތަކާއި، ކޯރުތަކާއި، ސަހަރާތަކާއި، ފެހި ބިންތައް ހުންނަ އެ ގައުމުގެ ސަގާފަތާއި ކާބޯތަކެއްޗާއި، އާއިލީ އާދަކާދަތަކުގެ ސަބަބުން ވެސް އެ ގައުމަކީ މުހިންމު ގައުމެކެވެ. 240 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ގައުމަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ޕާކިސްތާނުގައި ބޭނުން ކުރަމުންދާ ރަސްމީ ފައިސާއަކީ ޕާކިސްތާން ރުޕީސް އެވެ.