އެމްއޭސީއެލްގެ އުޅަނދެއް، ބުރިޖު ފެންސުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
ދަޕްރެސް
18 މާރިޗު 2026 | ބުދަ | 3:38
ހުޅުމާލޭން އެއާޕޯޓަށް ދުއްވާފައި ދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އުޅަނދެއް، ބުރިޖު ފެންސުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓު ހިނގީ މާލެ-ހުޅުމާލެ ހައިވޭގައި ދަތުރުކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސުގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި އެ އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވެ އިތުރު ފަރުވާއަށް ދެ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ހުދު ކުލައިގެ ކުޑަ ޕިކަޕެއް ފުރޮޅާލާފައި އޮތް މަންޒަރު ފެންނައިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.