ރަނގަޅު ބަސްބުނެ، ރަނގަޅު އަމަލުތައްކޮށް، ކެތްތެރިކަމާއެކު އެއްބައިވަންތަކަން ދަމަހައްޓަން ރައީސް ގޮވާލައްވައިފި
ދަޕްރެސް
19 މާރިޗު 2026 | ބުރާސްފަތި | 9:19
ރަނގަޅު ބަސްބުނެ، ރަނގަޅު އަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަކަމުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ހިތާބުގައެވެ. އެމަނިކުފާނުގެ ހިތާބުގައި އީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، ފިތުރު އީދު މިއަހަރު މި ބައްދަލުކުރަނީ، އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި ފަލަސްތީނާއި، މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.