ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ބައެއް ސަރަހައްދުތައް ބަންދުކޮށް، ޓްރެފިކަށް ބަދަލުތަކެއް
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 1:03
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން ފެށިގެން ސެގްމެންޓް 5 އާ ހަމައަށްވާ ސަރަހައްދުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށްދާ ވަގުތު އާންމު ދަތުރުފަތުރަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ބަދަލާ ގުޅިގެން، މަސައްކަތް ކުރިއަށްދާ ސަރަހައްދުތައް އާންމު ދަތުރުފަތުރަށް ބަންދު ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް، މިރޭ 12 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.