ފަތުރުވެރިންނަށް އިތުރު ދެ ވިސާއެއް ތައާރަފްކޮށް، ސްޕޯޓްސް ފިޝިންއަށް ހުއްދަ ދެނީ
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 5:49
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓާ ވިސާ"އެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގް ވިދާޅުވީ، މިހާރު ޓޫރިސްޓުން އަންނަނީ އޮން އެރައިވަލް ވިސާގެ ދަށުން ކަމަށާއި އެ 30 ދުވަސް ފަސޭހައިން އެކްސްޓެންޑް ކުރެވޭނެ ގޮތްތަކެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓަރު" ނަށް ވިސާއެއް ދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. "ރިމޯޓް ވޯކް ކުރަން އަންނަ ފަރާތްތައް، މިއީ ހާއްސަކޮށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ގެނެވިއްޖެނަމަ ފައިދާތަކެއް ކުރާނެ،" ތޯރިގު ވިދާޅުވި އެވެ.