ޓީބީން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ: ރައީސް
ދަޕްރެސް
24 މާރިޗު 2026 | އަންގާރަ | 10:15
ޓީބީ ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށް ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރައްކާތެރިވެވިދާނެ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔެއް ކަމަށެވެ. އެހެންނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. މިބަލި ނައްތާލުމަށްޓަކައި ހަރުދަނާ ސިއްހީ ނިޒާމެއް މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބަލި އަވަހަށް ދެނެގަތުމަށް މުޖުތަމައުގެ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.