އަމާޒަކީ މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގައިވެސް، ހަފްތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމެއް ބޭއްވުން: ރާފިއު
ދަޕްރެސް
24 މާރިޗު 2026 | އަންގާރަ | 11:28
އަމާޒަކީ މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގައިވެސް މަދުވެގެން ހަފްތާއަކު ތިން ދުވަހު 45 މިނެޓު ނުވަތަ ގަޑިއެއްހާއިރުގެ ކަސްރަތު ޕްރޮގްރާމެއް ބޭއްވުން ކަމަށް ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާފިއު ވިދާޅުވީ މިވަގުތު އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ އެއް ކަމަކީ އަލަށް އުފެދުނު ފިޓްނެސް އެންޑް ރިކްރިއޭޝަން ޑިޕާޓްމެންޓުގެ މަސައްކަތްތައް ބާރު ދުވެލީގައި މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެޑިޕާޓްމެންޓުން މަސައްކަތް ކުރަމުންދާނީ، ފިޒިކަލް އެކްޓިވިޓީ ނުވަތަ ޖިސްމާނީ ހަރަކާތްތެރިކަމުގެ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ރަށްތަކަށް ފުޅާކުރުމަށް ކަމަށެވެ. ސަރުކާރުން ބޭނުންވަނީ، އެ މިނިސްޓްރީގެ މުވައްޒަފުންނާ، ރަށްރަށުގައި ތިބޭ އިންސްޓްރަކްޓަރުންގެ އެހީގައި ކަސްރަތް ޕްރޮގްރާމުތަކުގެ މުޅި މުޖުތަމައު ޝާމިލުކޮށްގެން ކުރިޔަށް ގެންދިއުންކަމުގައި ރާފިއު ވިދާޅުވިއެވެ.