ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާ އަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ދަޕްރެސް
24 މާރިޗު 2026 | އަންގާރަ | 1:35
ދިވެހި ފުލުހުންގެ ހިދުމަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެއްޖައި ރައީސް ވިދާޅުވީ ދވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށެވެ.
އަބްދުއްޝަކޫރުގެ މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަބްދުއްޝަކޫރު އަކީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަަމަށެވެ.