ޔޫއޭއީ ބަންދު ކޮށްފައި އޮތަސް، ރާއްޖެއަށް ހުރިހާ ބާވަތެއްގެ މުދާ ފަސޭހަކަމާ އެކު ޗައިނާއިން ގެނެވޭނެ: ސައީދު
ދަޕްރެސް
24 މާރިޗު 2026 | އަންގާރަ | 3:04
ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ ޔޫއޭއީ ބަންދު ކޮށްފައި އޮތަސް، ރާއްޖެ އަށް ހުރިހާ ބާވަތެއްގެ މުދާ ފަސޭހަކަމާ އެކު ޗައިނާ އިން ގެނެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. ކާބޯތަކެއްޗާއި އެކި ވައްތަރުގެ މުދާ ޗައިނާއިން ފަސޭހަކަމާއެކު ލިބޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ގައުމުން ބޭނުން ވަގުތެއްގައި މުދާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން، ހަނގުރާމައިގެ ދަނޑިވަޅުގައި އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި އޮމާން ފަދަ ގައުމުތަކުން ކުރިން ނުގެންނަ ވަރަށް ބައެއް މުދާ އެތެރެ ކުރަމުން އަންނަ ކަމަށެވެ. އަދި ތައިލެންޑާ ކެމްބޯޑިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކާ އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، މުދާ ގެނެވޭނެ ރޫޓުތައް ހޯދަމުން އަންނަކަމަށް މިނިސްޓްރު ވިދާޅުވިއެވެ.