ރިފަރެންޑަމާ ގުޅޭގޮތުން ހަގީގަތް އޮޅުވާނުލުމަށް ސްޓޭޓް މިނިސްޓަރު ޒުލްފާ ގޮވާލައްވައިފި

ދަޕްރެސް

26 މާރިޗު 2026 | ބުރާސްފަތި | 10:21

ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރިފަރެންޑަމްއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަމުންދާތީ، އެކަން ހުއްޓާލުމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ގޮވާލައްވައިފިއެވެ.

ޑރ. ޒުލްފާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިފަރެންޑަމްއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި، ގާނޫނު ނަންބަރު 15/2025 ގައިވާ އިޖުރާއީ ހުރިހާ ކަމަކަށް ފުރިހަމައަށް ތަބާވެފައިވާ ކަމަށެވެ. އަދި އެ ގަރާރާއެކު، ފާހަގަކޮށްލެވޭ ހުރިހާ މުހިންމު ނުކުތާތަކެއް ތަފްސީލުކޮށްދޭ ފުރިހަމަ މެމޯއެއް އެޓޭޗްކުރެވިފައި ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ރައްދު ދެއްވަމުން ޑރ. ޒުލްފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަކީ އަދިވެސް 5 އަހަރު ކަމަށާއި، ގާނޫނު އަސާސީގައިވާ އެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މި ރިފަރެންޑަމްގެ ބޭނުމަކީ ހަމައެކަނި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުން ކަމަށާއި، ރިފަރެންޑަމްގައި އަހާ ސުވާލުގެ ބަސްމަގު ހުރީ ގާނޫނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް