ހުޅުމާލެ ފޭސް 3 އިން ގޯތި ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް އެޗްޑީސީން ފަށައިފި

ދަޕްރެސް

26 މާރިޗު 2026 | ބުރާސްފަތި | 12:13

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 3 އިން ގޯތި ދޫކުރުމަށްޓަކައި އެ ސަރަހައްދު ސާވޭކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާ ގުޅިގެންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން ގޯތި ދޫކޮށްފައިވެއެވެ. އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ޖުމްލަ 699 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް