ފެންނަ ނުފެންނަ ވޯޓުނަގާއިރު އާންމުން ކައިރިން އަހާ ސުވާލު އިބާރާތްކުރުމުގެ ބާރު އޮތީ ރައީސަށް: ދައުލަތް
ދަޕްރެސް
26 މާރިޗު 2026 | ބުރާސްފަތި | 3:49
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްއެއް ނަގާއިރު އާންމުން ކައިރިން އަހާ ސުވާލު އިބާރާތްކުރުމުގެ ބާރު އޮތީ ރައީސުލް ޖުމްހޫރިއްޔާއަށް ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްއެއް ނެގުން ހުއްޓުވުމަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނުސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު އިސްވެ ތިއްބަވައި ހުށަހެޅުއްވި މައްސަލައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ދައުވާކުރާ ފަރާތުން ބުނެއެވެ. އެހެންކަމުން، އެ ސުވާލު ހިމެނޭ ގޮތަށް ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ ފަރާތުން ވަނީ އެދިފައެވެ.